ކެންސަރު
From Wikipedia, the free encyclopedia
ކެންސަރު (އިނގިރޭސި ބަހުން: Cancer) އަކީ އެއްވެސް ސަބަބެއްނެތި، އެއްވެސް ބޭނުމެއްނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް (ކޮންޓްރޯލް ނުވާވަރަށް) ހަށިގަނޑުގައި އުފެދޭ ކޮންމެ އާއުފެދުމެކެވެ.
ކެންސަރު އަކީ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިގެންދާ އެއްޗެކެވެ. އޮޕަރޭޝަން ކޮށްގެން ކެންސަރުގެ ދުޅައެއް އެއްކޮށް ވަކިކުރި ނަމަވެސް އަލުން އުފެދުމަކީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި ކެންސަރުގެ ދުޅަ އޭގެ ސައިޒުން ބޮޑުވެފައި އޭގެ ވަށައިގެންވާ ބައިތަކަށް ފެތުރިގެން ދިއުން އަވަސްވާނެ އެވެ. އަދި އެފެތުރިގެން އޭގެ އަސަރު ފޯރާ ބައިތައް ވެސް ފަސޭހަ ކަމާއެކު ހަލާކު ކޮށްލައެވެ. ދުނިޔޭގައި އެތައް ހާސް ބަޔަކު އަހަރެއްގެ ތެރޭގައި ކެންސަރު ޖެހިގެން ދުނިޔެ ދޫކޮށް ދެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި މީހުން މަރުވާ ދެވަނަ އެންމެ ކުރީގައި އުޅޭ ސަބަބެއް ކަމުގައި ދިރާސާތަކުން ހާމަވެފައިވަނީ ކެންސަރު ކަމެކެވެ. އިންސާނުންގެ ހަށިގަނޑަށް ތަފާތު ވައްތަރުގެ ކެންސަރުތައް ޖެހޭ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ކޮންމެ ކެންސަރެއް އަނެއް ކެންސަރާއި ތަފާތެވެ. ކޮންމެ ކެންސަރަކީ ވެސް ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގެ ސެލްތަކަކުން އުފެދޭ އެއްޗެކެވެ.
ކުރިން ބުނިހެން ހަށިގަނޑުގެ ސެލްތަކަކީ ވަކި އުސޫލެއްގެ ދަށުން ނެތި، އާވެދާ ސެލްތަކެކެވެ. މިގޮތަށް ސެލްތައް ދުވަސްވުމުން ނެތި، އާވަމުން ދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުންނެވެ.އަދި ވަކި ތަރުތީބަކާއި ހަމަތަކެއްގެ ދަށުންނެވެ. ބައެއް ފަހަރު މިގޮތަށް އާވެދާ ސެލްތައް އެއްވެސް އުސޫލެއް، ނުވަތަ ގަވާއިދެއް ނުވަތަ ހަމައެއް ލަމައެއް ނެތި އާވެ، އިތުރުވެ، ގިނަވަމުން އާދެއެވެ. މިބުނި އުސޫލުން އިތުރުވެ، ބޮޑުވަމުންދާ ސެލްތަކުގެ ފުނިވަރަކަށް ކިޔަނީ ޓިއުމަރ(Tumour)އެވެ. ޓިއުމަރ ހަށިގަނޑުގައި ބޭނުމެއް ނެތް ގަނޑުއެއް، ނުވަތަ ދުޅައެއް އުފައްދައެވެ. އެހެންކަމުން ޓިއުމަރ އަކީ ހަށިގަނޑުގައި އުފެދޭ ދުޅައެކެވެ. އަދި ކެންސަރަކީ މިފަދަ ދުޅައިގެ ވައްތަރެކެވެ. ޓިއުމަރ އުފެދުމަށް ގަނޑުލުން މިހެން ކިއިދާނެ އެވެ. އަދި ޓިއުމަރ އަށް ގަނޑު މިހެން ވެސް ކިޔައި އުޅެއެވެ. (ނޯޓް: ދިވެހިން އާންމުކޮށް ގަނޑުލުން ކިޔަނީ ގޮށްލުން މިކަމަށް ނިސްބަތް ކޮށެވެ. ގޮށްލުމަކީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެތުރިފައިވާ ލިމްފް ގޮށްތައް ދުޅަވުމަށް ކިޔައި އުޅޭ ބަހެކެވެ. އެހެން ކަމުން ކެންސަރާއި ވިދިގެން ގަނޑުލުން އަދި އާންމުކޮށް ކިޔައިއުޅޭ ގޮށްލުން މިއީ މުޅިން ތަފާތު ދެކަމެކެވެ. ނަމަވެސް ލިމްފް ނޯޑްތަކަށް ކެންސަރު ޖެހި ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ. )
ކެންސަރުގެ އިލްމީ ތައުރީފަކީ އެއްވެސް ސަބަބެއް ނެތި، އެއްވެސް ބޭނުމެއް ނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް(ކޮންޓްރޯލްނުވާ ވަރަށް) ހަށިގަނޑުގައި އުފެދޭ ކޮންމެ އާ އުފެދުމެކެވެ.
މިބުނި އުސޫލުން އުފެދޭ ދުޅަ ނުވަތަ ޓިއުމަރ ދެބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ ބިނައިން ޓިއުމަރ (Benign Tumour) އަދި މެލިގްނަންޓް ޓިއުމަރ(Malignant Tumour)ވެ. މިދެވައްތަރުގެ ތެރެއިން ފުރަތަމަ ވައްތަރަކީ ކެންސަރެއް ނޫނެވެ. އާންމުކޮށް ކެންސަރޭ ކިޔަނީ މެލިގްނަންޓް ޓިއުމަރ އަށެވެ.އަދި ކެންސަރު ގެ އަސަރު ފޯރާފައިވާ ސެލްތަކަށް މެލިގްނަންޓް ސެލް(Malignant cells) އޭ ކިޔައެވެ. ޓިއުމަރ އަށް ކާނާ ލިބެނީ ޓިއުމަރ އުފެދިފައިވާ ހިސާބު ވަށައިގެން ހުންނަ ލޭހޮޅި ތަކުންނެވެ.