މުޙައްމަދުގެފާނު
From Wikipedia, the free encyclopedia
މުޙައްމަދުގެފާނަކީ (ޢަރަބިބަހުން: محمد) މުސްލިމުންގެ ގާތުގައި ﷲ ގެ ރަސޫލެކެވެ. ނަބީކަން ޚަތިމް ކުރެއްވި ކަލޭގެފަނެވެ. ހުޅަނގުގެ ތާރީޚު ޢިލްމުވެރިންގެ ގާތުގައި އެކަލޭގެފާނަކީ އިސްލާމީ ތާރީޚުގެ ބާނީއެވެ.
ގިނަ ތާރީޚީ ލިޔުން ތަކުން ހެކި ލިބޭ ގޮތުގައި މުޙައްމަދުގެފާނު އުފަންވެ ވަޑައިގަތީ މީލާދީން 571 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ އަށް ވީ ހޯމަ ދުވަހުއެވެ. މި ދުވަހާ ދިމާވަނީ ރަބީޢުލްއައްވަލް މަހުގެ 9 ވަނަ ދުވަހާއެވެ. މިވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ބުރާސްފަތި ދުވަހެކެވެ. އެއިގެ ކުރީ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ އާދީއްތަ ދުވަހެކެވެ. 572 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ހޯމަ ދުވަހެކެވެ. މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ހޯމަ ދުވަހެއްގައިކަން ތާރީޚު ޢިލްމުވެރިން އިއްތިފާޤުވެއެވެ. އެހެންކަމުން ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހޭ ބައެއް މީހުން ބުނާ ބުނުމާ ދިމާކުރާނަމަ ތާރީޚުގައި އޮޅުމެއް އެބައާދެއެވެ.
އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރީގައިބައްޕާފުޅު އަވަހާރަވެއްޖެއެވެ. އެހެންކަމުން މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ޔަތީމު ބޭފުޅެއްގެ ގޮތުގައެވެ. ޢުމުރުފުޅުން އެއްމެ 6 އަހަރުފުޅުގައި މަންމާފުޅު ވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ބެއްލެވުމުގެ ޒިއްމާ އުފުއްލަވަން ފެއްޓެވީ ކާފާފުޅެވެ. ޢުމުރުފުޅުން 8 އަހަރަށް އަޅައިގަތް އިރު ކާފާފުޅުވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ގެންގުޅުއްވީ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނެވެ.
މުޙައްމަދުގެފާނަށް ވަޙީ ބާވާލެއްވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުގައެވެ. ޙިރާ ފަރުބަދައިގެ ހޮޙޮޅައިގެ ތެރޭގައި އިންނަވަނިކޮށެވެ. ފުރަތަމަ ބާވާލެއްވުނީ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. މީގެ ތިން އަހަރު ފަހުން އެކަލޭގެފާނު ފައުޅުގައި މީސްތަކުންނަށް ވަޙީ ވިދާޅުވެދެއްވައި ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ.
ފުރަތަމަ ކޮޅުގައި އެކަލޭގެފާނާ ތަބަޢަވި ވަރަށް މަދު މީސްކޮޅެކެވެ. މި މީހުންނަށް ދިޔައީ މައްކަގެ އަހުލުވެރިންގެ ގޯނާކުރުންތަކާއި ފުރައްސާރަކުރުންތައް އަމާޒު ވަމުންނެވެ. މީލާދީން 622 ވަނަ އަހަރު މުޙައްމަދުގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. ހިޖްރީ ކަލަންޑަރު ނުވަތަ އިސްލާމީ ކަލަންޑަރު ފެށެނީ މި ހިޖްރައިންނެވެ. ހިޖްރަ ކުރެއްވުމަށްފަހު މަދީގައި އޮތް ގަބާއިލީ ދެކޮޅުވެރިކަން ނައްތަވާ ލެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައި އެކަން ކާމިޔާބު ކުރެއްވިއެވެ. ހިޖްރައިން 8 ވަނަ އަހަރު އެކަލޭގެފާނު މައްކާ ފަތަޙަ ކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 10 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ތެރޭގައެވެ. އެއީ މަޝްހޫރު ޙައްޖަތުލްވަދާޢު ނިންމެވުމަށްފަހު މަދީނާއަށް ވަޑައިގަތްތާ މާގިނަ ދުވަހެއް ނުވަނީހެވެ. އެއިރު ޢަރަބުލްޙިޖާޒުގެ ގިނަ ތަންތަނުގައި ވަނީ އިސްލާމް ދީން ފެތުރިފައެވެ.